27 July 2010

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން 46 ވަނަ މިނިވަން ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެއްޖެ



ދިވެހިރާއްޖޭގެ މިނިވަންކަމަށް 45 އަހަރު ފުރޭ، 46 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތޮޅު ފެންވަރުގައި ބޭއްވުނު އެކިއެކި ރަސްމީ ޙަރަކާތްތަކުގައި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ބައިވެރިވެއްޖެއެވެ.
މިގޮތުން، މިނިވަންދުވަހުގެ ރަސްމީ ޙަރަކާތްތައް ސްކޫލްގައި ފެށީ ހެނދުނު 6 ޖެހުމާއެކު ބޭއްވުނު ދިދަނެގުމުގެ ރަސްމިއްޔާތުންނެވެ. ސްކޫލްގެ ކެޑޭޓް ދަރިވަރުން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ގައި ޚާއްޞަ ދުޢާއެއް ކުރުމުގެ އިތުރުން، ފާއިތުވި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލުން ބޭއްވި ޕެރޭޑްގައި ދިމާވި ހިތާމަވެރި ޙާދިސާގެ ހަނދާނުގައި ސުކޫތެއްވެސް ގެނެވުނެވެ. މި ރަސްމިއްޔާތުގައި ސްކޫލްގެ މުވައްޒަފުންނާއި ސްކައުޓް ދަރިވަރުންވެސް ބައިވެރިވިއެވެ.
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ބައިވެރިވި އެހެނިހެން ޙަރަކާތްތަކުގެ ތެރޭގައި،  26 ޖުލައި 2010 ދުވަހު ހަވީރު ބޭއްވުނު ޢާއިލީ ހަވީރު ހިމެނެއެވެ. މި ޢާއިލީ ހަވީރުގައި، 19 ދަރިވަރުންގެ މުނިފޫހި ފިލުވުމުގެ ޑާންސް އައިޓަމެއް ހުށަހަޅާދީފައިވެއެވެ.
އޭގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްޞަ ބަހުސްގައިވެސް ސްކޫލުން ބައިވެރިވިއެވެ. ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގައި ބޭއްވުނު މި ބަހުސަށްފަހު މުނިފޫހިފިލުވުމުގެ އައިޓަމެއްވެސް ސްކޫލްގެ ދަރިވަރުން ހުށަހަޅާދީފައިވެއެވެ.
މިނިވަންދުވަސް ފާހަގަކުރުމުގެ އެންމެ ޚާއްޞަ ޙަރަކާތެއްގެ ގޮތުގައި ހިމެނިގެން ދިޔައީ، 27 ވަނަ ދުވަހު ހަވީރު ބޭއްވުނު ކެޑޭޓް ދަރިވަރުންގެ ޕެރޭޑެވެ. ޕެރޭޑް ބޭއްވުނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން ފެށިގެން ގަމު ސިނާޢީ މަގު، މަތިމަރަދޫ އަވަށުގައެވެ. 85 ކެޑޭޓުން ބައިވެރިވި މި ޕެރޭޑްގެ ޝަރަފްވެރި މެހްމާނަކީ ހައްދުންމަތީ ކައުންސިލަރ ޢަބްދުލް ވައްހާބް ޢަބްދުﷲ އެވެ.