އިހައްދޫ ސުކޫލުގެ 'ޝަބްނަމީ
އިންޓަރހައުސް ނެޓްބޯޅަ މުބާރާތް 2010' ލ. ގަމު ތުނޑީ ނެޓްބޯޅަ ކޯޓްގައި މިއަދު
ހަވީރު 04:30 ގައި ފެށިއްޖެއެވެ. މި މުބާރާތްފައްޓަވާދެއްވީ މި މުބާރާތުގެ
ޝަރަފުވެރި މެހެމާން ލ. ގަން މުކުރިމަގު ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު
މޫސާއެވެ. ފައްޓަވާ ދެއްވުމުގެ ގޮތުން ޝަރަފުވެރި މެހެމާން ދެއްކެވި
ވާހަކަފުޅުގައި ކުޅުންތެރިން ކުޅިވަރުގެ ރޫޙާއި އެއްގޮތްވާގޮތުގެމަތިން ކުޅުމުގެ
ކަންކަން ކުރިޔަށް ގެންދިޔުމަށާއި ކިޔެވުމުގެ މާހައުލުގައިވެސް ވާދަވެރިކަން
ކުރިޔަށްނެރުމަށާއި ކާމިޔާބީ އާއި ނާކާމިޔާބީ ހިއްސާކުރުމަށް އެދިލެއްވިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި
ބައްދަލުކުރީ ގްރީން ހައުސް އާއި ޕާރޕްލް ހައުސް އެވެ. މި މެޗް 05
ޕޮއިންޓް 04
ޕޮއިންޓުން ކާމިޔާބުކުރީ ޕާރޕްލް ހައުސްއެވެ. މި މުބާރާތުގެ މައިގަނޑު
ސްޕޮންސަރަކީ ދިރާގުގެ ޕްރެފާރޑް ޕާރޓްނަރކަމުގައިވާ ލ. ފޮނަދޫ 'ޝަބުނަމީ ގްރޫޕް'
އެވެ. އެސޯސިއޭޓް ސްޕޮންސަރުންގެ ތެރޭގައި ލ. ގަމު އޯ-ސިކްސް ހިމެނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގެ ކުޅުން
ކުރިޔަށްދާގޮތް ބަލާ ދަރިވަރުންނަށް ތަރުޙީބުދިނުމަށް ހައުސްތަކުގެ
މުދައްރިސުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ އިތުރުން ގަން-ފޮނަދޫ
ސަރަޙައްދުގެ ގިނަ އަދަދެއްގެ އާންމުން ހާޒިރުވެފައިވެއެވެ.
މި މުބާރާތުގެ ކުޅުން، ކަނޑައެޅިފައިވާ
ތާވަލާ އެއްގޮތަށް މި ހަފުތާ ތެރޭގައި ކުރިޔަށް ދާނެއެވެ. ފައިނަލް މެޗް ކުޅުމަށް
ހަމަޖެހިފައިވަނީ 2010 ޖުލައި 27 ވާ އަންގާރަ ދުވަހު ހެނދުނު 06:15 ގައި ތުނޑީ
ނެޓްބޯޅަ ކޯޓްގައެވެ.
