ސްކޫލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ
ފެންވަރު ރަގަޅުކުރުމާއި، މުވައްޒަފުން ތާޒާކުރުމަށްޓަކައި ތަފާތު
ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތައް މިއަހަރު ތެރޭ ކުރިއަށް
ގެންދެވިފައިވެއެވެ. މި ގޮތުން މިއަހަރަކީ މުވައްޒަފުންނަށް ޕްރޮފެޝަނަލް
ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް އެންމެ ގިނަ ޢަދަދަކަށް ހިންގިފައިވާ އަހަރެވެ.
ލީޑިން ޓީޗަރުންނަށާއި އެކިއެކި މާއްދާ ކިޔަވައިދެއްވާ ޓީޗަރުންނަށް
އަމާޒްކުރެވިގެން ތަފާތު މަސައްކަތުބައްދަލުވުންތައް އަހަރުތެރޭގައި ކުރިއަށް
ގެންދެވިފައިވެއެވެ. އަދި ޚާއްޞަކޮށް ސްކޫލުތަކުގެ ވެރިންނަށް އަމާޒްކޮށްގެން މެދުދެކުނު
ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓުން އިންތިޒާމުކޮށްގެން ހަތަރު މަސައްކަތު
ބައްދަލުވުމެއް މިއަހަރުތެރޭގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މިގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި
ސްކޫލުތަކުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ސްކޫލު ފެންވަރުގައި ބޭއްވޭ
މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީގެ
ވަޞީލަތްތައް ސްކޫލުތަކުގައި ނެތް ކަމުގެ ޝަކުވާއެވެ. ޚާއްޞަކޮށް މަލްޓިމީޑިއާ
ޕްރޮޖެކްޓަރ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ސްކޫލުތަކަށް ލިބިއްޖެނަމަ،
އެފަދަ ޕްރޮގްރާމުތައް ކާމިޔާބުކަމާ އެކީ ހިންގުމަށް އެހީތެރި ވެދޭނެކަމަށް ގިނަ
ބޭފުޅުން ދެކިލައްވައެވެ. އަދި ކުރިއަށް އޮތްތަނުގައި ޕްރޮވިންސްގެ ކޮންމެ
ސްކޫލަކަށް ސްމާޓް ބޯޑުފަދަ ޒަމާނީ ވަޞީލަތްތައް އެކިއެކި އެހީދޭ ޖަމާޢަތްތަކާ
ގުޅިގެން ހޯދުމަށް މަސައްކަތްކުރާނެކަމުގައި އެޑިޔުކޭޝަން ޔުނިޓުން ހާމަކުރައްވައެވެ.
އަދި މީގެ އިތުރުން ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންނާއި ޓީޗަރުންނަށް ރާއްޖޭން
ބޭރުގެ ސްކޫލުތަކަށް ޒިޔާރަތްކޮށް އެތަންތާންގެ ސްކޫލުތައް ހިނގަމުންދާ ގޮތް
ބެލުމަށް މަގުފަހިކުރުމަށްޓަކައި ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރައްވާނޭ
ކަމުގައި މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޖުތަބާ
ވިދާޅުވިއެވެ.
