27 October 2010

މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓްގެ އިދާރީ އޮނިގަނޑު އެކުލަވާލައިފި

މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓް 2011 ވަނަ އަހަރުން ފެށިގެން ހިނގަމުން ގެންދާނެ ގޮތުގެ އިދާރީ އޮނިގަނޑު އެކުލަވާލައިފިއެވެ. މި އޮނިގަނޑު އެކުލަވާލެވިފައިވަނީ މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަޙްމަދު މުޖތަބާ މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާގައި، ސްކޫލުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ހުށަހެޅުއްވި ޚިޔާލާއި އިރުޝާދުގެ ދަށުގެންނެވެ. މި އޮނިގަނޑު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓް ހިންގުން ހަރުދަނާކޮށް، އިތުރު މުވައްޒަފުން މަޤާމުތަކަށް ހަމަޖެއްސުމުގެ ބަދަލުގައި ލިބެންހުރި ރިސޯސްތައް ޚާއްޞަކޮށް ހިޔުމަން ރިސޯސް އެންމެ އެދެވޭގޮތުގައި ބޭނުން ހިފުމެވެ. އަދި މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނާ ވީހާވެސްކައިރިން ޚިދުމަތްދިނުމާއި، ޚިދުމަތްލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތް އަތްފޯރާ ފަށުން ފޯރުކޮށްދިނުމެއެވެ. މި ގޮތުން މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓްގެ އިދާރީ އޮނިގަނޑު 2011 ވަނަ އަހަރުން ފެށިގެން އެކުލަވާލެވިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އެޑިޔުކޭޝަން ޔުނިޓްގެ ހެޑް:         
   ސްޕްރިންޓެންޑެންޓް:              އިބްރާޙިމް ރަޝީދު  
2- ބަޖެޓް ސެކްޝަން  
   ޑިޕިޔުޓީ ޕްރިންސިޕަލް             އިސްމާޢީލް ޢަލީ  
3- ހިޔުމަންރިސޯސް ވިންގް  
   ޕްރިންސިޕަލް                   ޢަބްދުﷲ ނާޙިދު  
4- ޕޮލިސީ، ޕްލޭނިން އެންޑް ސްޕަވިޒަން  
   ޕްރިންސިޕަލް                   އަޙްމަދު ޒާހިރު  
5- ޕްރޮޖެކްޓް މެނޭޖްމަންޓް ވިންގް    
   ޕްރިންސިޕަލް                   ޒިޔާދު ރަޝާދު  
6- އެގްޒާމިނޭޝަން ވިންގް  
   ޕްރިންސިޕަލް                   ޢަބްދުﷲ އިނާޔަތު 
 
މަތީގައި ދެންނެވިފައިވާ ގޮތަށް އޮނިގަނޑު އެކުލަވާލުމުން، ކުރިއަށް އޮތްތަނުގައި މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުން ހުށަހަޅާ އެކިއެކި ކަންކަން ކުރިއަށް ގެންދާނީ މަތީގައި ދެންނެވިފައިވާ ވިންގުތަކުން، އެ ވިންގުތަކުގައި ތިއްބަވާ އިސްވެރިންގެ ބެލުމުގެ ދަށުންނެވެ. އަދި ވިންގުތަކުގައި ތިއްބަވާ ބޭފުޅުން ވިންގުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އެޑިޔުކޭޝަން ޔުނިޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުންނެވެ. މި ގޮތަށް އޮނިގަނޑު އެކުލަވާލުމުން އެޑިޔުކޭޝަން ޔުނިޓަށް ހުށަހެޅޭ މައްސަލަތައް އަވަސްގޮތެއްގައި ހައްލުކުރެވި، ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރެވި، ސްކޫލުތަކުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި، މިހާރަށްވުރެ ގިނަ ޕްރޮގްރާމުތައް ރޭވި، ޕްރޮވިންސްގެ ސްކޫލުތަކުގެ ނަތީޖާ ރަގަޅުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެވެ.  މެދުދެކުނު ޕްރޮވިންސް އަކީ އެހެން ޕްރޮވިންސްތަކަށް ނަމޫނާ ޕްރޮވިންސްއަކަށް ހެދުމަށްޓަކައި 2011 ވަނަ އަހަރަށް ވަރަށް ގިނަ ޕްލޭނުތަކެއް ކުރެވި، ޕްރޮވިންސްގެ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން މިހާރުވަނީ އެކުލަވާލެވިފައެވެ.