23 October 2010

މެދުދެކުނު ޕްރޮވިންސް ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2010 ނިމިއްޖެ


މެދުދެކުނު ޕްރޮވިންސް ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2010 އޮކްޓޫބަރ 23 ވަނަ ދުވަހު ނިމިއްޖެއެވެ. އޮކްޓޯބަރ 19 އިން 23 އަށް ކުރިއަށްދިޔަ މި މަހާސިންތާގައި މެދު ދެކުނު ޕްރޮވިންސްގެ ސްކޫލްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރައްވާ 23 ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މަހާސިންތާ ނިމިގެން ދިޔައިރު ތާވަލްކުރެވިފައިވާ މުހިއްމު ހުރިހާ ކަމެއް ނިންމާލެވުނެވެ. އަދި އޭގެ އިތުރުން ޕްރޮވިންސް ލެވަލްގައި ވަރަށް މުޙިއްމު ސިޔާސަތުތަކެއް އެކުލަވާލެވި ފާސްކުރެވިފައިވެއެވެ. އެގޮތުން، 2011 ވަނަ އަހަރުން ފެށިގެން މެދު ދެކުނު ޕްރޮވިންސްގެ ހުރިހާ ސްކޫލްތަކެއް މައިގަނޑު އެއް ސިޔާސަތުތަކެއްގެ މަތީގައި ހިންގުމަށްޓަކައި ކިޔަވައިދިނުމާއި، ސްކޫލްގެ އެކި ކަންކަން ހިންގާނޭ މައިގަނޑު ސިޔާސަތުތައް ފާސްކުރެވުނެވެ. މި ގޮތުން މި މަހާސިންތާގައި އެކުލަވާލެވުނު މައިގަނޑު ސިޔާސަތުތަކަކީ
1-   އެސެސްމަންޓް ޕޮލިސީ
2-   ސްޕަވިޝަން އެންޑު މޮނިޓަރިން ޕޮލިސީ
3-   ޑިސިޕްލިން ޕޮލިސީ
4-   ދަރިވަރުންގެ ޢާއްމު ޤަވައިދު
5-   ޕްރިފެކްޓް ބޯޑު އެކުލަވާލުމުގެ ސިޔާސަތު
6-   ކުލަބު ޖަމްޢިއްޔާތައް ހިންގުމުގެ ސިޔާސަތު
7-   އެއްގުރޭޑް އަނެއް ގުރޭޑަށް ދަރިވަރުން ބަދަލުވުމުގެ ސިޔާސަތު
8-   ޓެކްސްޓް ފޮތް ދަރިވަރުންގެ އަތުން ނެގުމާއި ޓެކްސްޓް ފޮތް ދޫކުރުމުގެ ސިޔާސަތު
9-   ސްކޫލުން ވަކިވާ ދަރިވަރުންނަށް ލީވިން ސެޓްފިކެޓްދޫކުރުމުގެ އުޞޫލް
10-       އިނާމު ދިނުމާއި އިނާމުގެ ގިންތިތައް ކަނޑައެޅުމުގެ ސިޔާސަތު
މިސިޔާސަތުތަކަކީ 2011 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއި ގުޅިގެން މެދުދެކުނު ޕްރޮވިންސްގެ ހުރިހާ ސްކޫލެއްގައި ޢަމަލްކުރަން ފެށޭނެ ސިޔާސަތުތަކެކެވެ.
އަދި މީގެ އިތުރުން 2011 ވަނަ އަހަރަށް އެކުލަވާލެވުނު ޕްރޮވިންސްގެ އެކަޑަމިކް އެކްޓިވިޓީ ކަލަންޑަރގެ ސަބަބުން ޕްރޮވިންސް ލެވެލްގައި ކުޅިވަރާއި އަދަބީ މުބާރާތްތަކުގައި ސްކޫލްތަކުން ވާދަކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެ ދުރާލައި ތައްޔާރުވުމުގެ މަގު ތަނަވަސްކޮށްދެއެވެ.
ޕްރޮވިންސްގެ ތަޢުލީމީ ދާއިރާގެ 3 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނެއް މި މަހާސިންތާގައި އެކުލަވާލެވުނު ކަމީވެސް، މަހާސިންތާގެ އަހައްމިއްޔަތު ހާމަވެގެން ދިޔަކަމެކެވެ. އެ ޕްލޭނުގެ ސަބަބުން، މިހާތަނަށް ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައިނުވާ ސްކޫލްތަކަށްވެސް އެ ސްކޫލްތަކުން ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް ފަސޭހަކަން ލިބިގެން ދާނެއެވެ. މި ޕްލޭނުގައި ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ފުޅާކުރުމަށްޓަކައި ލަނޑުދަނޑިތަކެއް ކަނޑައެޅިފައިވެއެވެ.
މި މަހާސިންތާގެ 3 ވަނަ ދުވަހުގެ ރޭ މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޖުތަބާ ހުރިހާ ބައިވެރިންނާ ތ.އަތޮޅު ތަޢުލީމީ މަރުކަޒްގައި ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގެ މަޤްޞަދަކީ މަހާސިންތާގައި ކުރިއަށްދާ ކަންތައްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމަށާއި، ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކޮށްލެއްވުމެވެ. އެންމެ ފުރަތަމަ 3 ދުވަހުގެދުވަހުގެ ނިޔަލަށް މަހާސިންތާގައި ކުރެވުނު މަޝްވަރާތަކާއި، ނިންމުނު ނިންމުންތަކާބެހޭ މަޢުލޫމާތާއި، އަދި ކުރިއަށް ހުރި މަޝްވަރާތަކުގެމައްޗށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ސުޕަރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން އިބްރާހީމް ރަޝީދު ހުށަހަޅުއްވައިދެއްވިއެވެ. އެއަށްފަހު ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކައިގައި، ކުރީގައި ސިޔާސަތުތައް ހައްދަވަނީ މިނިސްޓްރީގެ އިސްވެރިންކަމަށާއި، ނަމަވެސް މިއަދު މެދު ދެކުނު ޕްރޮވިންސް ސްކޫލްތަކުގެ ވެރިން އެއް މޭޒެއްގެ ދޮށުގައި އިށީނދެ އެންމެން އެއް މަންޒިލަކަށް އަމާޒުހިފުމަށް އެއްބަސްވެ އުޞޫލުތައް ކަނޑައެޅި ކަނޑައެޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ސެޝަނުގައި މެދު ދެކުނު ޕްރޮވިންސްގެ ތަޢުލީމީ ބޯޑުގެ ބައެއް މެމްބަރުން ޕްރޮވިންސްގެ ސްކޫލްތަކާއި، އެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ އިސްވެރިންގެ ހުރި ބައެއް ކަންބޮޑުވުންތައް މިނިސްޓަރަށް ހުށަހެޅުއްވިއެވެ.
މަހާ ސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މެދު ދެކުނު ޕްރޮވިންސްގެ ސުޕަރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން އިބްރާހީމް ރަޝީދު ވާހަކަދެއްކެވިއެވެ. ބައްދަލުވުން އިންތިޒާމްކޮށްދެއްވި ވޭމަންޑޫ ސްކޫލަށާއި ސްކޫލްގެ ޕްރިންސިޕަލް ޚާލިދު ޢަބްދުﷲ އަށް ޝުކުރުއަދާކުރައްވައި ވާހަކަ ކުރިއަށްގެންދަވަމުން، މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ޙަޔާތައް ރިއާޔަތްކުރާއިރު މިބައްދަލުވުމަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެއް ބައްދަލުވުން ކަމުގައި ބައްދަލުވުމުގެ ހުރިހާ ބައިވެރިން އިއްތިފާގުވާކަން ފާހަކުރެއްވިއެވެ. މި ބައްދަލުވުމުގެ ސެޝަންތައް ޢާއްމު ގޮތެއްގައި މެންދަމު 1:00 އަށް ކުރިއަށް ދިޔަކަމީ މި ބައްދަލުވުމާމެދު ސްކޫލުތަކުގެ ވެރިންގެޝައުޤްވެރިކަން ހުރި މިންވަރު ހާމަވެގެން ދިޔަކަމެކެވެ.