20 July 2010

އިހައްދޫ ސުކޫލުގެ ބެލެނިވެރިންނަށް އިންޓަރނެޓްގެ ޚިދުމަތް ދޭންފަށައިފި


އިހައްދޫ ސުކޫލުގެ ބެލެނިވެރިންނަށް ސުކޫލުގައި އިންޓަރނެޓް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 2010 ޖުލައި 18 ވަނަ ދުވަހު އެ ސުކޫލުގެ ހޯލުގައި އޮތް އާދީއްތަ ދުވަހުގެ އާންމު އެސެމްބްލީގައި މިކަން ހާމަކޮށްފައިވަނީ ސުކޫލުގެ ޕްރިންސިޕަލް އަޙުމަދު ޒާހިރުއެވެ.
ޕްރިންސިޕަލްގެ ވާހަކާގައި ދަރިވަރުންނަށް ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމުގައި ބެލެނިވެރިން ޒަމާނަށްފެތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ބެލެނިވެރިން، ބެލެނިވެރިކަމުގެ ޒިންމާ އަދާކުރުމުގައި އެހީތެރިވުމުގެ ގޮތުން މިހާރު އެ ސުކޫލުގައި ހަދާފައިވާ ދިރާސާގެ މައްޗަށް ބިނާކޮށް ބެލެނިވެރިންނަށް އެހީތެރިވާންޖެހޭ ދިމަދިމާއިން އެހީތެރިވެދޭނެކަން ހާމަކުރެއްވިއެވެ.
ޕްރިންސިޕަލް އަޙުމަދު ޒާހިރުގެ ވާހަކާގައި ދަރިވަރުން ގޭގައި ހެދުމަށް ހަވާލުކުރާ މަސައްކަތްތަކާއި ތަފާތު އެސައިންމެންޓްތައް ނިންމުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދުމަށް ބޭނުންވެލައްވާ ބެލެނިވެރިން ސުކޫލަށް ހާޒިރުވެ ލައިބްރަރީއާއި އިންޓަރނެޓްގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ބެލެނިވެރިންނަށް އިންޓަރނެޓްގެ ޚިދުމަތްދިނުމަށް ސުކޫލުގައި އިންތިޒާމުހަމަޖެފައިވާގޮތް ތަފުސީލުކޮށްދެއްވިއެވެ.
މި އެސެމްބްލީގައި މެދު ދެކުނު ޕްރޮވިންސްގެ އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް އިބުރާޙީމް ރަޝީދުއާއި ލ. ގަން ޙަމަދު ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދުގެ އިތުރުން ސުކޫލުގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން އަދި ހުރިހާ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.