އިހައްދޫ ސުކޫލުގެ ހެލްތު ކުލަބުގެ ފުރަތަމަ އަހަރީ މަޖައްލާ "ޝިފާ" ނެރެފިއެވެ. މި މަޖައްލާ ނެރެދެއްވީ 2010 ޖުލައި 18 ވީ އާދީއްތަ ދުވަހު އެ ސުކޫލުގެ ހޯލުގައި ބޭއްވި ދަރިވަރުންނާއި ބެލެނިވެރިންގެ އާންމު އެސެމްބްލީގައި، މެދު ދެކުނު ޕްރޮވިނސްގެ އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް އިބްރާޙިމް ރަޝީދުއެވެ. މި ރަސްމިއްޔާތުގައި އިހައްދޫ ސުކޫލުގެ މުވައްޒަފުންގެ އިތުރުން ލ. ގަން ޙަމަދު ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ބައިވެރިވެލެއްވިއެވެ.
"ޝިފާ" އަކީ އިހައްދޫ ސުކޫލުގެ ހެލްތު ކުލަބުގެ ފަރާތުން އަހަރަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ. މި އަހަރުގެ މަޖައްލާ ތައްޔާރުކޮށްފައިވަނީ ހެލްތު ކުލަބުގެ ކޯރޑިނޭޓަރ ހަސީނާ އަލީ އާއި ޑެޕިއުޓީ ކޯރޑިނޭޓަރ ޞަފާ އިބުރާހީމް އިސްވެ ތިއްބަވައިގެން، ދަރިވަރުން ހޯދާ އެކުލަވާލާ އާޓިކަލްތަކުގެ މައްޗަށެވެ. މި އަހަރުގެ އަދަދުގައި ސިއްޙީ ދާއިރާއިން ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންތެރި ތަފާތު މައުލޫމާތު އެކުލެވިފައިވެއެވެ.
މަޖައްލާ ނެރެދެއްވުމަށްފަހު މެދު ދެކުނު ޕްރޮވިނސްގެ އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް އިބްރާޙިމް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ދަރިވަރުން ސުކޫލަށް އައުމުގެ ކުރިން ރަނގަޅު ނާސްތާއެއް ނެގުމުގެ ސިއްޙީ ފައިދާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.