މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.މުސްތަފާ ލުތުފީއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރަތްޔިތުން މަޖިލީހަށް ހުށަހެޅިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުން، ޖުމުލަ 47 ފަރާތަކުން ސޮއިކޮށް ރައްޔތުން މަޖިލީހުގެ އިދާރާއަށާއި، މެމްބަރުންނަށް، އަދި ސިޔާސީ ޕާޓީތަކަށް ހުށަހެޅުމަށް "އިލްތިމާސް" އެއް ތައްޔާރުކޮށްފިއެވެ. މި އިލްތިމާސްގެ ކޮޕީއެއް ދިވެހި ސަރުކާރަށް ރައްދުކުރުމަށްޓަކައި، 24 ޖޫން 2010 ވީ ބުރާސްފަތި ދުވަހުގެ ރޭ ލ.ކައްދޫ އެއަރޕޯޓްގައި ހުންނަ ސިންފަނިކް ރެސްޓޯރަންޓްގައި އޮތް "މެދުދެކުނު ޕްރޮވިންސްގެ ހެޑްސް ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތުގައި، މެދު ދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ބޯޑުގެ ވައިސް ޗެއަރޕާސަން އިބްރާހިމް ރަޝީދު، މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަޙްމަދު މުޖުތަބާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ
މި އިލްތިމާސްގައިވާ ގޮތުން ޑރ.މުސްތަފާ ލުތުފީއަކީ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވީހިނދު، ރަގަޅު މިޝްރާބެއްގައި ތަޢުލީމީ ނައު ދަތުރުކުރަމުން ދަނިކޮށް، ނައުގެ ހުންގާނުގައި ހުންނެވި "މާލިމީ" ކަނޑަށް ވައްޓާލުމަކީ، މުޅި ތަޢުލީމީ ދާއިރާއަށް ބޮޑު ލޮޅުމެއް އަތުވެދާނެކަމަށްވާތީ، ރައްޔިތުން މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ އިތުބާރުނެތް ކަމުގެ ވޯޓްގައި، އެމަނިކުފާނާ އެއްކޮޅަށް ވޯޓްދެއްވާ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމާއި ތަރުބިއްޔަތު ދުވަހުން ދުވަހަށް ކުރިއަށް ގެންދެއްވުމަށް، އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ މަޝްރޫޢުތަކަށް ހީނަރު ކަމެއް ނައިސް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އެމަނިކުފާނަށް ދެއްވާ، ރަތްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް، ވަކިން ޚާއްޞަކޮށް މެދުދެކުނު ޕްރޮވިންސްގެ ދާއިރާތަކުގެ މެމްބަރުންނަށް މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގެ އިސްވެރިންގެ ފަރާތުން، އިލްތިމާސްކުރައްވާފައިވެއެވެ