ލ.މާމެންދޫ ސްކޫލުގެ
2009 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ 31 ޖުލައި 2010 ވީ
ހޮނިހިރުދުވަހު ބާއްވައިފިއެވެ. މި ޖަލްސާގެ ޝަރަފްވެރި މެޙްމާނަކީ މެދުދެކުނު
ޕްރޮވިންސްގެ ސްޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން އަލްފާޟިލް އިބްރާހިމް
ރަޝީދެވެ. މި ޖަލްސާގައި ލ.އަތޮޅުގެ ބައެއް ސްކޫލުތަކުގެ އިސްވެރިން ބައިވެރިވެ
ވަޑައިގެންނެވިއެވެ. މި ޖަލްސާގައި 2009 ވަނަ އަހަރު ލ.މާމެންދޫ ސްކޫލު
ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ ގްރެޖުއޭޓް ލީޑިން ޓީޗަރ އާދަމް
މުޙައްމަދެވެ. 2009 ވަނަ އަހަރު ލ.މާމެންދޫ ސްކޫލުން އެކި އެކި ވަނަތައް
ޙާސިލްކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ޝަރަފްވެރި
މެޙްމާނުގެ އިތުރުން ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެދުދެކުނު
ޕްރޮވިންސްގެ ސްކޫލުތަކުގެ އިސްވެރިންނެވެ. މިޖަލްސާގައި ޝަރަފްވެރި މެޙްމާނު
ދެއްކެވި ވާހަކަފުޅުގައި ކާމިޔާބަކީ ކޮންމެކުއްޖަކަށްވެސް ލިބޭނެ އެއްޗެއްކަމާއި
އެކަމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ. އަދި ވަރަށް އަސަރުން
ފުރިގެންވާ އިބްރަތްތެރި ވާހަކަތަކަކުން ދަރިވަރުންނާއި ބެލެނިވެރިންނަށް އަދި
ޓީޗަރުންނަށް ނަޞޭޙަތްތެރިވެލެއްވިއެވެ.
ޖަލްސާ
ނިންމުމަށްފަހު ސްކޫލުބޯޑާއި، ޕީ.ޓީ.އޭ އަދި ސްކޫލުގެ މުވައްޒަފުންނާ މެދުދެކުނު
ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓްގެ ސްޕްރިންޓެންޑެންޓް ބައްދަލުކުރައްވާ ސްކޫލުގެ
އެކި އެކި ކަންކަމާ ބެހޭގޮތުން ވާހަކަދައްކާ ޚިޔާލު ބަދަލުކުރެއްވިއެވެ.

